ދަރުމަވަންތަ މަޝްރޫއުއާ ގުޅިގެން ޓެކްސް ފައިސާ ހޯދަން މީރާއިން ކުރާ ދައުވާ މަޑުޖައްސާލަން އަންގައިފި
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 1:13
ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުއާ ގުޅިގެން، އެ މަޝްރޫއު ހިންގި ޗައިނާ ކުންފުނި އަތުން ޓެކްސް ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރާ މައްސަލަ މަޑުޖައްސާލަން ހައިިި ކޯޓުން އަމުރުކޮށްފި އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހިންގި އެ މަޝްރޫއުއާ ގުޅިގެން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝަންގް ހުވާ ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާކުރީ އެ މަޝްރޫއުއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 100 މިލިއަނަަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުން 2023 ވަނަ އަހަރު ނިންމާފައިވަނީ އެ މަޝްރޫއުއާ ގުޅިގެން ޓެކްސް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެހެންވެ، މީރާ އިން ދައުވާ ކުރާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޝަންގް ހުވާ ކުންފުނިން ސިވިލް ކޯޓުގައި އިޖްރާއީ އިއުތިރާޒެއް ނެގި ނަމަވެސް އެ ކޯޓުން މިދިޔަ ޖުލައި މަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.