ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 2:07
މުޒާހަރާތައް ރޫޅާލުމަށް ބޭނުންކުރާ، ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) މީގެ ކުރިން ވެސް ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ އެލްއާރުއޭޑީ ބޭނުންކުރީ 2013 ވަނަ އަހަރު ކަމަށެވެ. ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި އޭރު ބޭނުންކުރީ އެ ހަތިޔާރުގެ މޮޑެލް "އެލްއާރުއޭޑީ 300 އެކްސް" ފުލުހުންގެ ވެހިކަލެއްގައި ހަރުކޮށްގެން ކަމަށް އިހުސާން ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލަން ބޭނުންކުރީ އެ ހަތިޔާރުގެ "އެލްއާރުއޭޑީ 100 އެކްސް" މޮޑެލް ކަމަށާއި އެ މޮޑެލް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2023 ވަނަ އަހަރު މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އިހުސާން ވިދާޅުވި އެވެ.