އެކަނިވެރި ބަލި މީހަކާ ދައުލަތުން ހަވާލުނުވެ ހޯނޑެއްދުއަށް ފޮނުވާލުމުން ކަންބޮޑުވުން
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 4:16
ގދ. ހޯނޑެއްދޫގައި ބަލާނެ މީހަކު ނެތް، އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގައި އަނބުރާ ފޮނުވާލުމުން ކައުންސިލުން އެދިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، 64 އަހަރުގެ އަންހެނަކު، އިންޓާނަލް ބްލީޑިންގެ ހާލަތެއް މެދުވެރިވެގެން، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިދިޔަ މަހު ގެންދިޔައީ ވެސް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ އެހީގައި ކަމަށެވެ.
އެއަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އަދި އެ ތަނުގައި ފަރުވާއަށް މަހެއް ވަންދެން އެޑްމިޓުކޮށްފައި އޮތީ ވެސް މިނިސްޓްރީގެ ހަވާލުގައި ކަމަށް މެމްބަރު ވިދާޅުވި އެވެ. ނަމަވެސް، އަންހެން މީހާ ބަލާނެ އިތުރު މީހަކު ނެތް ހާލަތުގައި ވެސް އަނބުރާ ރަށަށް ގެންދިއުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.