މަދަނީ އިޖުރާއަތުގެ ގާނޫނު ސިވިލް ކޯޓަށް ބުރައަކަށް
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 7:17
ރާއްޖޭގެ ވެއްޓަށް ފެތެނީ ކިހާވަރަކަށްތޯ ނުބަލައި ހަދާ ގާނޫނުތަކަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަަތައް ލަސްވާ ސަބަބެއް ކަމަށާއި 2022 ވަނަ އަހަރު މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލަކީ އެފަދަ ބަދަލެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު ހިމެނޭހެން، އެގޮތަށް ހުރި ގާނޫނުތަކަށް މަޖިލީހުން ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އެ ގާނޫނު ނާންނަ އިރު ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑުބައި ނިންމަމުން އައީ ޑިސްޕިއުޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނަން، 2022 ވަނަ އަހަރު ސިވިލް ޕްރޮސީޖާ ކޯޑަށް މިއައި ބަދަލު ވެގެން ދިޔައީ ކޯޓުގެ މައްސަލަތައް ހުއްޓުމަކަަށް އައި[ސަބަބަކަށް]. ސަތާރަ ފަނޑިޔާރުން ތިބި އިރު މައްސަލަތައް އެއްގޮތަކަށް ވެސް ކުރިއަށްދާ ގޮތެއް ނުވި. އެއީ ކުރީގައި ޑިސްޕިއުޓުން، ސިވިލް ކޯޓުގައި ގާތްގަނޑަކަށް 60 އިންސައްތަ މައްސަލަ ނިންމަމުން އަންނަނިކޮށް، އެ ގާނޫނުގެ ސަބަބުން ހަަމަ އެއްކޮށް ހުއްޓިގެން ދިޔައީ،" ރިޒާ ވިދާޅުވި އެވެ.