އިންޑިއާގައި ކުދިން މަރުވި ބޭހުގައި ނުރައްކާ މިންވަރަކަށް ވިހަ ކެމިކަލެއް
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 7:03
ކެއްސާތީ ދޭ ދިޔާ ބޭހެއް ބުއި ފަހުން އިންޑިއާގައި 12 ވަރަކަށް ކުދިން މަރުވި މައްސަލަ ބެލި އިރު އެ ބޭހުގައި ވިހަ ކެމިކަލެއްގެ އަސަރު ވަރަށް ނުރައްކާ މިންވަރަކަށް ހުރިކަން އެނގުމާ އެކު ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށައިފި އެވެ.
މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ޑްރަގް ލެބޯޓްރީއަކުން ހެދި ޓެސްޓުގެ ރިޕޯޓާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޓެސްޓުކުރި 19 ބޭހުގެ ތެރެއިން، ކުދިން މަރުވި މައްސަލަ ދިމާވި "ކޯލްޑްރިފް" ސިރަޕްގެ ސާމްޕަލެއްގައި 46.28 ޕަސެންޓް ޑައިތިލީން ގްލައިކޯލް ހުއްޓެވެ. އެކަމަކު ބޭސްތަކުގައި މި މާއްދާ އެންމެ ގިނައިން ވެސް ބޭނުންކުރެވޭ މިންވަރަކީ 0.1 ޕަސެންޓެވެ.
މިހާރު އެކި ސްޓޭޓްތަކުގައި މަނާކޮށްފައިވާ މި ބޭސް އުފައްދާ، ޓެމިލް ނާޑޫގެ ކުންފުންޏެއް ކަމަށްވާ ސްރޭސަން ފާމާގެ އިތުރުން މި ބޭސް ލިޔެދިން ޑޮކްޓަރަކާ ދެކޮޅަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގު ފަށައިފަ އެވެ.