ގިނަ ދަރިން ހޯދަން ބާރުއަޅަން އިނާޔަތެއް ދޭން ގޮވާލައިފި

މިހާރު

7 އޮކްޓޯބަރު 2025 | އަންގާރަ | 11:24

ރާއްޖޭގައި އާބާދީ އިތުރުވާ މިންވަރު ދަށްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އިނާޔަތެއް ދީގެން ނަމަވެސް އާބާދީ އިތުުރުކުރުމަކީ ސަރުކާރުން ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 65 އަަހަރުވުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭން މަގުފަހިކުރަން ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ހަމީދު ވިދާޅުވީ އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށް ވުރެ އިތުރަށް ދަރިން ނުހޯދުމަކީ މިހާރު "ފެޝަނަކަށް ވެފައިވާ" ކަމަށެވެ. އެކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އިސްނަގައިގެން ވެސް ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެ ކުދިންނަށް ވުރެ ގިނައިން ނޫނީ ތި ންކުދިންނަށް ވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދީގެން ނަމަވެސް، [އާބާދީ އިތުރުކުރަން ބާރު އެޅުމަކީ] މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި އަޅުގނޑު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް