ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފި
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 10:38
ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑުގެ ހިދުމަތާއި ފާސްޕޯޓުގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކުރުން މިރޭ ފާހަގަކޮށްފި އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އޭރު އެދެމުން އައި ކަމެކެވެ. ޕާސްޕޯޓުގެ ހިދުމަތަށް އެދޭތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މާލެ ފިޔަވައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭން އެންމެ ފުރަތަމަ މި ސަރުކާރުން ފެށި ތަންތަނަކީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފުރަތަމަ ފެށީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.