ދައުރު ނިމެނިކޮށް ޓެކްސް ޓްރައިބިއުނަލަށް ކުރިމަތިލީ ނިޒާމު ހިނގާ ގޮތް ބަލަން ޝައުގުވެރިވާތީ: މަހާޒް
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 6:55
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައި ވާނީ އޭނާ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
"އެ ހުރިހާ ކަންތައްތައްތަކަށް ބަލާ އިރު އަނެއްހެން އުނދަގޫ ކަންތައްތަކެއް ނޫން [ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތަކަކީ] އެހެންވީމާ ދެމަސް ދުވަހެއް ނޫން، އެއްމަސް ދުވަހު [ވިޔަސް] އަޅުގަނޑު ހިތަށް އެރީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މި ނިޒާމު ހިނގާ ގޮތް ބަލައިލަން،" މަހާޒް ވިދާޅުވި އެވެ.