ދިރާގަށް ތާރީހީ ކާމިޔާބީއެއް، މުޅި ރާއްޖެ އަށް ފައިބާ އިންޓަނެޓު ދިނުން ފާހަގަކޮށްފި
މިހާރު
10 އޮކްޓޯބަރު 2025 | ހުކުރު | 9:37
މި އަހަރުގެ ކުރީކޮޅު މުޅި ރާއްޖެ އަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފު ކުރުމާ އެކު، ހައިސްޕީޑް އިންޓަނެޓް ހިދުމަތް ދޭން ފެށުން ދިރާގުން ރަސްމީކޮށް ރޭ ފާހަގަކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ މުވާސަލާތީ ކުންފުނީގެ މި ތާރީހީ ކާމިޔާބީ ފާހަގަކުރީ، ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ހައި ސްޕީޑް އިންޓަނެޓް ކޮންމެ ރަށަކަށް ފޯރުކޮށްދިނުމަކީ "ޑިޖިޓަލް ރާއްޖެ" އެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނައިރު އެއްވެސް ރަށެއްގެ އެއްވެސް ގެއެއް ބާކީ ނުކޮށް، އިންޓަނެޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުން ކަމެއް ކަމަށެވެ. އަދި މިއީ ވިޔަފާރިތަކާއި މުޖުުތަމައުތައް ކުރިއަރުވައި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކަށް އިންޓަނެޓުގެ ޒަރީއާ އިން ފަސޭހައިން ގުޅައިދީ، ވިޔަފާރިތައް ފުޅާކުރުމަށް އެހީވާނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.