ހަނގުރާމަ ނިމުނަސް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި
މިހާރު
10 އޮކްޓޯބަރު 2025 | ހުކުރު | 10:04
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރާއްޖެއިން ބުނި.
މީގެ ދެ އަހަރު ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ނިންމިޔަސް، ޣައްޒާގައި އިޒްރޭލުން ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސުް އިން އެއްބަސްވުމާ ގުޅިގެން، އެކަމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.