ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކާމިޔާބުވާން އޮތީ ގަވާއިދުން ފައިސާ ދެއްކުމުގެ މައްޗަށް: ޝަރީފް
މިހާރު
10 އޮކްޓޯބަރު 2025 | ހުކުރު | 11:08
ގެދޮރުވެރިކަން ފަހިކޮށްދޭ ސްކީމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޒިންމާދާރުކަމާ އެކީ، އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް ކަމަށާއި އެކަން އެ ގޮތަށް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އިއްޔެ އެދިވަޑައިގެންފި އެވެ.
އޭނާ އެ ކަމަށް އެދިވަޑައިގަތީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
"މިއީ ހިލޭ އެހީގެ ސްކީމެއް ނޫން. މިއީ ފައިނޭންސިން ސްކީމެއް. އެހެންކަމުން ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް،" ގެދޮރުވެރިކަމުގެ ސްކީމަށް ދޫކުރާ ފައިސާ ގަވާއިދުން ދެއްކުމަށް ބާރު އަޅުއްވަމުން ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އެމްޑީ ވިދާޅުވި އެވެ.