ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ބޭފުޅަކު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 8:24
ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގެ ޝަރްމުއް ޝެއިޚްގައި މާދަމާ ފަށާ ބައިނަލްއަގުވާމީ ސަމިޓަށް ވަޑައިގެންނެވި ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ގަތަރުގެ ވަފުދު ގޮވައިގެން ދިޔަ ކާރު ދެކުނު ސައިނާއީގައި އެކްސިޑެންޓުވުމުގެ ސަބަބުން އިތުރު ދެ ޑިޕްލޮމެޓަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ގާހިރާ ނިއުސް އިން ބުނި ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ގަތަރުގެ ފަސް ބޭފުޅަކު ތިއްބެވި އެވެ. ވެހިކަލް ދުއްވަން އިނީ މިސްރު މީހެއް ކަމަށާއި އެކްސިޑެންޓުވީ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.