އެމްއައިބީން ގެސްޓް ހައުސް އެވޯޑު ބާއްވަނީ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 3:34
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ގެސްޓް ހައުސްތައް ބާރުވެރިކުރުވައި، ގެސްހައުސްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން "ގެސްޓް ހައުސް އެވޯޑު" ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
އެމްއައިބީގެ މީޑިއާ މެނޭޖަރު އަހުސަން ޖަމީލު ވިދާޅުވީ، ގެސްޓް ހައުސް އެވޯޑަކީ އެއްވެސް ސްޕޮންސަރެއް ނުހިމަނައި، މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށް، މިނިވަން، އިންސާފުވެރި އެވޯޑަކަށް ވާނެ ކަމަށެވެ. މި އެވޯޑުގެ ކަންތައްތައް ކްރޯ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ ކަމަށާއި، އެވޯޑާ ގުޅޭ ސްޓްރަކްޗާ އިން ފެށިގެން ޖަޖުން ކަނޑައެޅުމާއި އެހެން ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެ ފާމުން ކަމަށް ވިދާޅުވި އެވެ.
އެމްއައިބީން ގެސްޓް ހައުސް އެވޯޑު ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގަ އެވެ. އެމްއައިިބީން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސިމްޕޯޒިއަމް އަކީ ގެސްޓްހައުސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިޔާލު ބަދަލުކޮށް، އެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ މަޝްވަރާތައް ކުރުމަށް އެމްއައިބީން ހޯދައިދޭ ޕްލެޓްފޯމެކެވެ.