ފްލެޓްތައް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 7:13
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފްލެޓްތައް އެހެން ބަޔަކު ދިރިއުޅެން ކުއްޔަށް ނުވަތަ ހިލޭ ވެސް ދީގެން ނުވާނެ ކަމަށާއި އަދި ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރަން ފެށިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ކުއްޔަށް ދޭން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ތިން ކޮޓަރީގެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައި ހުރީ 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.