އަންނަ އަހަރުގެ "ބޮޑު ދަރަނި" ދައްކަން ދައްޗެއް ނުވާނެ: މާހިރުން
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 9:13
ބޮންޑު ވިއްކުމުގެ ތެރެއިން ކުރީގެ ސަރުކާރުތަކުން ދައުލަތަށް ނަގާފައިވާ ދަރަނިތަކަށް ރާއްޖެ އިން އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިޔަން ޑޮލަރު ދެއްކުމަކީ މާލީ ހާލަތު މިހާރު ހުރި ގޮތުން ދަތިކަމަކަށް ނުވާނެ ކަމަށް އެ ދާއިރާގެ ބައެއް މާހިރުން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ގެ ބައެއްގެ ގޮތުގައި އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރި ސުވާލަކަށް އަމިއްލަ ހައިސިއްޔަތުން ޖަވާބު ދެއްވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން ވިދާޅުވީ އަންނަ އަހަރު ބޮންޑްތަަކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެެވެ.
އޭނާ ވިދާޅުވީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ރިޒާވްގެ ގޮތުގައި މިހާރު ވެސް 800 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށާއި ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި ޔަގީނުން ވެސް "ތިން ޑިޖިޓު" ގެ އަަދަދަކަށް ފައިސާ ހުރި ކަން ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ކަަމަށެވެ.