މިނިސްޓަރުން ހާޒިރު ނުކުރާތީ ޖަލްސާތަކުގެ ރިޔާސަތަށް ނާޒިމް ގެންނަން މަސައްކަތް ކުރަނީ!
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 12:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްްރަހީމް އަބްދުﷲ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރައްވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނައިބު ރައީސް އަހުމަދު ނާޒިމާ ހަވާލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދާއި އެމްޑީޕީގެ އެހެން މެންބަރުން ވެސް ތުހުމަތު ކުރައްވާ ގޮތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރެއްވުމަކީ ގަވައިދާ ހިލާފަށް އަބްދުއްރަހީމް ކުރައްވާ ކަމެކެވެ. އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާ އިރު ޓައީ ނާޅުއްވާ ދުވަސްކޮޅެއް ވެސް ދިޔަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގައި ވެސް ބަޔާންކުރާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ އެ މާއްދާގެ ބާރު ކަނޑުވާލައިގެން ކަަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.