ސަރުކާރުން އަބަދުވެސް ބޭނުންވަނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ އެކު މަސައްކަތް ކުރަން: ތޯރިގް
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 10:32
ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބަށް ގެނައުމުގައި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާގައި މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމްގައި އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ ހިދުމަތަކީ 24 ގަޑިއިރުގެ މަސައްކަތަށް ވާއިރު، އެކަން އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މެނޭޖަރުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ކުރިއެރުވުމުގައި ދުނިޔެ އަށް އަންނަ ބަދަލުތައް އިތުރަށް ބަލައި، އޭގެ ބޭނުން ވެސް ހިފަން ޖެހޭނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިސޯޓުތަކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.