ހައްގުވެރިންނަށް ފްލެޓް ނުދީ ކުއްޔަށް ދިނުން ނުހުއްޓުވޭނެ!
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:19
ވަންނާނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތި، ދަރިންނާ އެކު މާލޭގެ ކުޑަ ތަންކޮޅެއްގައި "ގަނަތެޅޭ" އެތައް އާއިލާއެއް އެބަ އުޅެ އެވެ. އެކަމަކު އެ ހާލުގައި ތިބި މީހުންނަށް ފްލެޓް ނުލިބި، ބައެއް ރަށްރަށުން އާއިލާތައް ފްލެޓް ލިބިގެން މާލެ ބަދަލުވެއްޖެ އެވެ. މިދިޔަ ސަރުކާރުން ހުޅުވާލި 4،000 ފްލެޓު، ތަނަވަސް އެތައް ބަޔަކަށް ލިބިއްޖެ އެވެ. އެކަން ކަށަވަރުވަނީ، ތަޅުދަނޑި އަތަށް އެރުމާ އެކު ވިޔަފާރި އުސޫލުން ފައިދާ ހޯދަން، ބޮޑު އަގުގައި ކުއްޔަށް ދޫކުރާތީ އެވެ.
ދިރިއުޅޭނެ އެއްވެސް ގޮތެއް ނެތިގެން ހޯދާ ފްލެޓެއް ނަމަ ކުއްޔަށް ދޫނުކޮށް އެތަނުގައި ދިރިއުޅޭނީ އެ އާއިލާ އެވެ. އެކަމަކު ގެދޮރުވެރިޔާ ސްކީމުން އެންމެ ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމާ އެކު ފެނުނީ އެތަންތަން ކުއްޔަށް ދޭން އިއުލާންކުރި ތަނެވެ.
ތިން ކޮޓަރީގެ ފްލެޓަކަށް 11،500 ރުފިޔާ ކަނޑައެޅީ ނިކަމެތިންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ވަރަށް ކުޑަ ކުއްޔެއްގެ ގޮތުގަ އެވެ. އެކަމަކު އެ ފްލެޓް ކުއްޔަށް ދޫކުރަން އިއުލާންކުރީ އެތައް ގުނަ ފައިދާއެއް ލުމަށް ފަހު 25،000 ރުފިޔާ އަށެވެ. މިއީ، މާލޭގައި ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު ގާތްގަނޑަކަށް އުޅޭ ވަރެވެ.