ރޮނާލްޑޯ ރެކޯޑް ހެދި ނަމަވެސް ޕޯޗުގަލްގެ އިންތިޒާރު ދިގުލައިފި
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 9:27
ލިޒްބަން (އޮކްޓޫބަރު 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުތަކުން 2-2 އިން ހަންގޭރީއާ އެއްވަރުކޮށް ޕޯޗުގަލުން އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ހަންގޭރީން ގޯލެއް ޖަހައި ކުރި ހޯދި ނަމަވެސް އުމުރުން 40 އަހަރުގެ ކެޕްޓަން ރޮނާލްޑޯ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ޕޯޗުގަލް އަށް ކުރި ހޯދައިދީފަ އެވެ.
ޕޯޗުގަލް މޮޅަކާ އެކު ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ދިޔަ ނަމަވެސް އެކަން މަޑުޖައްސާލީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑޮމިނިކް ސޮބޮޒްލައި ޖަހައިދިން ގޯލުން ހަންގޭރީ ނަތީޖާ އެއްވަރު ކުރުމުންނެވެ. އޭރު ރޮނާލްޑޯ ދަނޑުމައްޗަކު ނެތެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ 78 ވަނަ މިނިޓުގައި ރޮނާލްޑޯ ބަދަލުކޮށްފަ އެވެ.