ބަނދަރުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތައް އަޅަން ފަށައިފިން: އެމްޕީއެލް
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 2:59
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިދާރާތަކާ އެކު ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
ސައޫދީ ބިންލާދިން ގުރޫޕްގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނުކަން ކަސްޓަމްސް އަށް ފަޅާއެރީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެހެންވެ، ފުލުހުންނަށް އެ ކަން އަންގައި ބޮޑު ތަހުގީގެއް ފެށި އެވެ.
އެ ތަކެތި މިހާ ދުވަސް ވަންދެން ނައްތާނުލައި އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރީ ތަހުގީގު އަދިވެސް ނުނިމޭތީ އެވެ.