އެސްޓީއޯއިން މޭވާ އާއި ތަރުކާރީ ވިއްކަނީ ބަޔަކާ ވާދަކުރާކަށް ނޫން: ސައީދު
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 3:00
އެސްޓީއޯ އިން މޭވާ އާއި ތަރުކާރީ ވިއްކަނީ ބަޔަކާ ވާދަކުރަން ނޫން ކަމަށާއި މިއީ ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލަކަށް ވާނެ ކަމަށް އުންމީދުކުރަައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއިން އަސާސީ ތަކެތީގެ ގޮތުގައި މޭވާ އާއި ތަރުކާރީ ވިއްކަން ފެށުމާ ގުޅިގެން އެސްޓީއޯގައި ބޭއްވި ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން ގެންނަން ފަށާފައިވާ ގިނަ ތަކެއްޗަކީ މަދު ބަޔަކު ހޯލްސޭލްކުރާ ތަކެތި ކަމަށެވެ. އަދި އެސްޓީއޯއިން ގެންނަ ތަކެތި ކޮލިޓީކޮށް، އަގުހެޔޮކޮށް ވިއްކުމަށް ހޯލްސޭލް ވިޔަފާރިވެރިންނަށް އެރޭންޖުމަންޓުތަކެއް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން އެއްވެސް ބަޔަކާ ކޮމްޕީޓްކުރަނީކީއެއް ނޫން. އަޅުގަނޑުމެން އެއްވެސް ވިޔަފާރިއަކަށް ގެއްލުން ލިބޭކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަސާސީ ބާވަތްތައް ދެނެގަނެ، އެތަކެތި އަގުހެޔޮކޮށް މާކެޓުގައި ވިއްކޭނެ މަގުފަހިކޮށްދޭން. އެއީ އަބަދުވެސް ވަކި އެއްޗެއް އަގުބޮޑުވުމުން، އެ އެއްޗެއް ގެނައުމަށް ރައްޔިތުން މި އެދެނީ އެސްޓީއޯ ކައިރީގައި. އެހެންވީމާ، މިހެން ގިނަ ތަކެތި ގެނައުމަކީ މިކަމަށް ލިބޭނެ ހައްލެއް ކަމަށް ވިސްނެނީ،" މިނިސްޓަރު ވިދާޅުވި އެވެ.