ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
މިހާރު
17 އޮކްޓޯބަރު 2025 | ހުކުރު | 10:21
އަދި ވެސް ރޮވެ އެވެ. އުރަމަތީގެ ކެންސަރުގައި އާމިނަތު ސުވެއިދާ (ސުވޭ) އުޅުނު ހާލު ހިތަށް އަރާފައި ވާހަކަ ދައްކަން އުނދަގޫވެ މި އިންޓަވިއު ވެސް ދެތިން ފަހަރަކު މެދުކަނޑާލަން ޖެހުނެވެ. އެކަމަކު، ކަރުނަ ފޮހެލާފައި، ބަލީގައި ދެއްކި ހިތްވަރު ނެރެ، ވާހަކަ އަލުން ފައްޓަން ބޭނުންވީ ވެސް އެހެން ބަޔަކަށް ލިބޭނެ ހިތްވަރަކަށެވެ.
ސުވޭ ބުނީ އޭނާގެ ކަނާތު ފަޅީގެ އުރަމަތީގައި އެއްޗެއް ނަގާފައި ހުރި ކަން އެނގުމުން އެ ވާހަކަ ފުރަތަމަ ވެސް ބުނެވުނީ، އެއްކޮށް ދިރިއުޅޭ މަންމަ ކައިރީގައި ކަމަށެވެ. އެއީ ވަރަށް ގިނަ އަންހެނުންނަށް ވާ ގޮތެއް ކަމާއި ފެނުން ބޮނޑިތާން ކޮށްފައި ބާމު އުނގުޅައި ވީ އެންމެ އަވަކަށް ޑޮކްޓަރަށް ދައްކަން މަންމަ އެދުނެވެ. އެކަމަކު، އެއީ ޑިސެމްބަރ 2020 ގަ އެވެ. ކޮވިޑުގެ ދުވަސްވަރަށް ވުމުން އުނދަގުލާ އެކު، އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކައި ޓެސްޓުތައް ހެދި އެވެ.
ޓެސްޓުތަކުގެ ނަތީޖާ އައީ އެއްވެސް ވަރަކަށް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ސުވޭ ތަހައްމަލު ކުރަމުން ދަނީ ކެންސަރުގެ ތިން ވަނަ މަރުހަލާ ކަމަށް ޑޮކްޓަރު ބުންޏަސް ސުވޭ އަށް ފުރަތަމަ އެކަމެއް ނަގައެއް ނުގަނެވުނެވެ. އަނބުރާ ގެއަށް ގޮސްފައި ވެސް، ރޮބޮޓެއް ހެން، އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ކުރަމުން ދިޔަ އެވެ. އަނެއްކޮޅުން ސުވޭއަށް ވިސްނެމުން ދިޔައީ މަންމަ އާއި ބައްޕަ ކުރާނެ ހިތާމަ އެވެ.