ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 5:57

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ފުލުހުން ރޭ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މިފްކޯގެ އިސް މަގާމެއްގައި ހުރި މުއާޒް އަލީ އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މުއާޒު މިއަދުން ފެށިގެން ސަސްޕެންޑު ކުރިއިރު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ "ވައްކަމުގެ" އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި އޭނާ ވަނީ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރެގެން، ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ހަފުތާގައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.

މައުޟޫޢުތަށް