ކަސްޓަމްސް އަށް ފައިސާ ނުދައްކާ މީހުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރަން ފަށަނީ
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:35
ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާއްމުކުރަން ފެށުމުގެ ގޮތުން އެކަމާ ބެހޭ އުސޫލެއް އެ އިދާރާއިން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ކަސްޓަމްސް ގާނޫނުގެ (5) ވަނަ މާއްދާގެ ދަށުން އެކުލަވާލައި މިއަދު އާއްމުކުރި އެ އުސޫލުގައިވާ ގޮތުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތި ނަމަ އެވެ. ނަން ހާމަކުރާނީ އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.
ފުރަތަމަ މަރުހަލާއަކީ ނުދައްކާ ހުރި ފައިސާ ދައްކަން ލިއުމުން އެންގުމެވެ. ފައިސާ ދައްކަން ލިއުމުން އެންގިދާނެ ގޮތްތައް ވެސް އެ އުސޫލުގައި އެބަ އޮތެވެ. އެއީ ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވުމެވެ.