ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 1:21
ވޮލީބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުކަމާއި، ގައުމީ އަންހެން ޓީމުގެ ކޯޗުކަމުގައި ވެސް ސޮފްވާން އަހްމަދު ހުރީ ބާރުގަދަ މީހެއްގެ ގޮތުގަ އެވެ.
އޭނާގެ އަތުގައި ވީއޭއެމްގެ ކޮންގްރެސްގައި ވޯޓް ދެވޭ ތިން ކްލަބް އެބައޮތެވެ. އެކެއްގެ ނަމުގައި އޮންނަ ގިނަ ކްލަބްތަކަކަށް ވޯޓް ދެވޭ ގޮތަށް ވީއޭއެމްގެ ގަވާއިދުން އޮތީ ޖާގަ ދީފަ އެވެ. ގިނައީ ކަރުދާސް ކްލަބްތަކެވެ. ކަރުދާސް ކްލަބްތައް ހަދައިގެން ކޮންގްރެސްގެ ބާރާއީ ނުފޫޒު ހޯދާ ގޮތާއި އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ވާހަކަ "މިހާރު" ގެ ކިޔުންތެރިންނާ ހަމައަށް ވާނީ، ކުރިން ގެނެސްދީފަ އެވެ.
ވީއޭއެމްގެ ހިންގާ ބޯޑުގެ މެންބަރުކަމުގެ އިތުރަށް ގައުމީ ޓީމުގައި އަދި ކްލަބްތަކުގައި ވެސް ކޯޗުކަން ކުރަމުން އޭނާ ދިޔައީ، ހަމަ ވަރަށް ބާރުގައި ހުރެގެންނެވެ. ޖިންސީ ނާޖާއިޒުގެ ގުޅުން ހިންގިކަމުގެ ތުހުމަތުގައި އޭނާ ބެދިއްޖެ އެވެ. އެކަމަކު އެ ތުހުމަތުތައް ވީއޭއެމުން އެހާ ސާފުކޮށް ތިލަކޮށްދީފައެއް ނުވެ އެވެ. ފިޔަވަޅު އެޅިކަން ހާމަކުރަން، ނެރުނު ބަޔާނުގައި ވެސް، ފިޔަވަޅު އެޅީ ކާކަށްކަން ބުނެފައެއް ނެތެވެ. އޭނާ އަށް ނިސްބަތްކޮށްފައި ވަނީ "ތުހުމަތު ކުރެވޭ ފަރާތް" މިހެންނެނެވެ.