މަސްވެރިކަމަށް ޒުވާނުން ނެރެން ހިންގާ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި
މިހާރު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 3:21
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް އެލަވަންސެއް ދީގެން ހިންގާ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމްއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޒުވާން، ފަސް މަސްވެރިއަކު ތަމްރީންކުރާނެ އެވެ. މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.