ސްކޭމަރުންގެ ނަމްބަރުތައް އެނގޭ ގޮތަށް ފުލުހުން އެޕެއް ހަދަނީ
މިހާރު
19 އޮކްޓޯބަރު 2025 | އާދިއްތަ | 2:56
ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތަކާއި ބޭނުންކުރާ އެކައުންޓްތަކުގެ ނަމްބަރުތައް އެނގޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ހަދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ އަލަށް ހަދާ އެޕްލިކޭޝަންގައި ސްކޭމަރުންގެ ނަމްބަރުތަކާއި އެކައުންޓު ނަމްބަރު އަދި ފިޝިން ލިންކާއި ޕްރޮމްޓް މެސެޖުގެ މައުލޫމާތު ފެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީހަކަށް ސްކޭމް ކޯލެއް އަތުވެއްޖެނަމަ، އެޕަށް މައުލޫމާތު އެޅޭނެ ކަމަށެވެ. އަދި އެ މައުލޫމާތު ކަށަވަރު ކުރުމަށްފަހު އާއްމުންނަށް ފެންނާނެ ގޮތަށް އެޕުގައި އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ އަށް ގަޑިއިރަކުން އެޕަށް އެ މައުލޫމާތު އަޕްޑޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.