ޔުނިވާސަލް ރިސޯޓްސް "ވާސާ ހޮސްޕިޓަލިޓީ" އަށް ރިބްރޭންޑްކުރަނީ
މިހާރު
19 އޮކްޓޯބަރު 2025 | އާދިއްތަ | 3:24
ޔުނިވާސަލް ރިސޯޓްސްގެ މައި ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސް އިން އެ ކުންފުނީގެ ހޮޓެލް މެނޭޖްމަންޓް ގޮފީގެ ނަން، ވާސާ ހޮސްޕިޓާލިޓީގެ ނަމަށް ރީބްރޭންޑުކުރަން ނިންމައި، ހޮސްޕިޓާލިޓީ ލައިފްސްޓައިލް ބްރޭންޑް "ނިވާ ހޮޓެލްސް އެންޑް ރިސޯޓްސް" ލޯންޗުކޮށްފި އެވެ.
ޔުނިވާސަލް އިން ބުނި ގޮތުގައި މި ބަދަލުގެ މަގުސަދަކީ ހަމައެކަނި ޓުއައޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ރިސޯޓްތައް ހިންގާ "ބީ2ބީ ފޯކަސްޑް" ކުންފުންޏެއްގެ ބަދަލުގައި ދުނިޔެ ބަލައިގަންނަ، "ކޮންޒިއުމާ ސެންޓްރިކް" ބްރޭންޑަކަށް ޔުނިވާސަލް ރިސޯޓްސް ބަދަލުކޮށްލުމެވެ.
ޔުނިވާސަލް ރިސޯޓްސް ރިބްރޭންޑްކުރުމާ ބެހޭ ގޮތުން ޔުނިވާސަލް އެންޓަޕްރައިޒަސްއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރުމަނިކު ވަނީ އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމްގައި ހޭދަކުރި 50 އަހަރު ފާހަގަކުރައްވައިފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 1972 ވަނަ އަހަރު ހުޅުވި، ފުރަތަމަ ރިސޯޓް "ކުރުނބާ މޯލްޑިވްސް" އިން ފެށިގެން އެ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ހޯދައި، އެ ކުންފުނިން ވަނީ މުޅި ދުނިޔެއަށް މަޝްހޫރު، ރިސޯޓްތައް ކަމަށްވާ ބަރޮސް، ކުރަމަތި، ހުވަފެންފުށި، ވެލައްސަރު، މިލައިދޫ އަދި ލަބްރީޒް ފަދަ ރިސޯޓްތައް ތައާރަފްކޮށްފަ އެވެ.