މަތީ ތައުލީމުގެ ލޯނުތަކުން 187 މިލިއަން އަނބުރާ ނުލިބޭ، ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
މިހާރު
19 އޮކްޓޯބަރު 2025 | އާދިއްތަ | 8:07
މަތީ ތައުލީމަށް ސަރުކާރުން ދޫކުރި ލޯނުތަކަށް 187 މިލިއަން ރުފިޔާ އަނބުރާ ނުލިބި އެބަހުރި ކަމަށާއި އަދި އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިނުވާ ނުކުރާ ކަމަށް ހަޔާ އެޑިއުކޭޝަން މިިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަނުގެ 2022 ވަނަ އަހަރުގެ ހަރަދުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ނެރުއްވި ރިޕޯޓްގައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 190 މިލިއަން ރުފިޔާގެ ތެރެއިން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް އެކަނި ވެސް 81 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އެއީ މިނިސްޓްރީން ދޫކުރި ލޯނުތަކުގެ 60 ޕަސެންޓެވެ. އަދި އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އޮޑިޓު ރިޕޯޓުގައިވަނީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އަދި ބޭންކް އޮފް ސިލޯންއާ ދެމެދު ހަދާފައިވާ ފަހުމުނާމާގެ ދަށުން، މަތީ ތައުލީމަށް ލޯނު ދޫކުރުމާއި އެ ފައިސާ ދަރިވަރުންގެ އަތުން އަނބުރާ ހޯދުމުގެ ކަންކަން އެ ބޭންކްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު 2022 ގެ ނިޔަލަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް 103 މިލިއަން ރުފިޔާ އަދި ސިލޯނު ބޭންކު މެދުވެރިކޮށް ދޫކުރި ފައިސާއިން ލިބެންޖެހޭ 3 މިލިއަން ރުފިޔާއާ އެކު ޖުމްލަ 106 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ރިޕޯޓްގައިވެ އެވެ.