ކްލަސިކޯގެ ކުރިން ރެއާލަށް ބޮޑު ހިތްހަމަޖެހުމެއް

މިހާރު

20 އޮކްޓޯބަރު 2025 | ހޯމަ | 12:02

ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ޖެހިޖެހިގެން ގޯލު ޖެހި 11 ވަނަ މެޗުގައި، ގެޓަފޭ އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަލުން ހޯދައިފި އެވެ.

ހޮނިހިރު ދުވަހު ޖިރޯނާ އަތުން 2-1 އިން މޮޅުވެ ބާސެލޯނާ އޮތީ 22 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ރޭގެ މޮޅާ އެކު ރެއާލް އަލުން ތާވަލުގެ ކުރި އަށް އެރީ 24 ޕޮއިންޓާ އެކު އެވެ. މާނައަކީ، އަންނަ ހަފުތާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބެން އޮތުމެވެ.

ގެޓަފޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލަށް ގޯލެއް ޖެހޭ ގޮތްވީ ގެޓަފޭގެ އެކަކު މަދުވުމުންނެވެ. އެގޮތުން ގެޓަފޭގެ އެލަން ނިޔޯމް އަށް 77 ވަނަ މިނެޓުގައި ރަތްކާޑެއް ދެއްކިތާ ތިން މިނެޓު ފަހުން އެމްބާޕޭ ރެއާލަށް ކުރި ހޯދައިދިނެވެ. އޭގެ ހަތަރު މިނެޓު ފަހުން ގެޓަފޭގެ އެލެކްސް ސަންކްރިސް އަށް ވެސް ރަތެއް ދެއްކި އެވެ. އެހެންވެ އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ.

މައުޟޫޢުތަށް