ޖާހު ފްލެޓުތަކުގެ ބާކީ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމައި އެޗްޑީސީއާ ހަވާލު ކުރާނެ: އާރުސީސީ
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 2:22
ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް މި މަހަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން އެ މަސައްކަތް ހަވާލުކުރި އާރުސީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ ބައިތައް ނިންމަން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ ހަވާލުކުރީ މިދިޔަ ޖޫން 2 ގަ އެވެ. ހަތަރު މަސް ދުވަހަށް ހަވާލުކުރި ޕްރޮޖެކްޓުގެ މުއްދަތު މި މަހުގެ 2 ގައި ހަމަވި ނަމަވެސް އެ މަސައްކަތުން އަދި އެއްކޮށް ނިންމައި ނުލެވެ އެވެ.
"އަޅުގަނޑުމެންނާ މަސައްކަތް ހަވާލުވިއިރު 30 ޕަސެންޓު މަސައްކަތް ހުރީ ނުނިމި. އެ ހުރިހާ ކަމެއް ނިންމަން އަޅުގަނޑުމެންނަށް ޖެހުނު. އެއީ ވަރަށް ބޮޑެތި މަސައްކަތްތަކެއް،" އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.