ނަޝީދުގެ ނަޒަރުގައި ހައްލަކީ ބިދޭސީން އިތުރުކޮށް އައްޑޫގައި ދިރިއުޅޭ އާބާދީ 50،000 އަށް މަތި ކުރުން!
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 5:17
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުން ނުވަތަ އައްޑޫ "ބައިބައި ކުރުމުން" ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އަށް އެންމެ ބޮޑަށް ބޭނުންވަނީ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިފަރެންޑަމް ވޯޓުގެ ބަހުސް ހޫނުވެފައިވާ މި ދަނޑިވަޅާ ދިމާކޮށް ނަޝީދު "އެކްސް" ގައި ހުށަހެޅުއްވި ހިޔާލަކީ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ބިދޭސީންނަށް އައްޑޫގައި ދިރިއުޅުމުގެ ފުރުސަތު ދީގެން އާބާދީ އިތުރު ކުރުމެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއް ވަންދެން އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެކެވެ.