ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވާނެ ކަމަށް އަތްޖަހަން ތައްޔާރަށް: އަބްދުއްރަހީމް
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 12:52
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ވާދަވެރި ފަރާތްތަކުން ތިބީ އެ މަނިކުފާނުގެ ވެރިކަމަށް ދެތިން ހަތަރު މަހެއްގެ ތެރޭގައި ގައުމު ބަނގުރޫޓުވެ ވެރިކަން ނުކުރެއްވޭނެ ހާލަތަށް ދާނެ ކަމަށް ހީކޮށް "އަތްޖަހަން ތައްޔާރުވެގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްގެ އުފަން ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން ކަމަށެވެ.
ފޮނަދޫގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް މިރޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާއިރު އަބްދުއްރަހީމް ވިދާޅުވީ މިއީ ފޮނަދޫގެ ތަރައްގީގައި އާ ސަފުހާއެއް ލިޔެވިގެން ދިޔަ ރެއެއް ކަމަށެވެ.