ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 12:48
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ދައްކަންޖެހި ނުދައްކާ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ދައްކައި ނިންމާނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި، އެ ރަށުގައި ފަށާ މަޝްރޫއުތަކާ ބެހޭ ގޮތުން ތަފްސީލްތައް ދެއްވުމަށް ފަހު ރައީސް ވިދާޅުވީ ފައިސާ ދައްކަންޖެހޭ ކަމަށް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަނޑައެޅިފައި ހުރި ހުރިހާ ބިލްތަކަކަށް ފަސް ހަފްތާ ތެރޭ ފައިސާ ދައްކާނެ ކަމަށް މި މަހު ކުރީކޮޅު އިއުލާނުކުރެއްވި ގޮތަށް އެކަން ހަމަޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި ދެން ހުރި ހުރިހާ ބިލެއްގެ ފައިސާ ފަސް ހަފްތާ ތެރޭ ދައްކާ ނިންމާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލްތައް، އަމިއްލަ މީސްމީހުންގެ ކުންފުނިތަކަށް އަދާކުރަންޖެހިފައި ހުރި ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބިލްތައް ހުރީ "ފުނިޖެހިފަ" އެވެ.