ހައްޖުވެރިންގެ ސިއްހަތާ ބެހޭ ސާކިއުލާއަކީ އާ އުސޫލެއް ނޫން: އިސްލާމިކް މިނިސްޓްރީ
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 4:58
ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވަނީ އާ ސާކިއުލާއެއް ނޫން ކަމަށް އިސްލާމިިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަބަދުވެސް ސިއްހީ ހާއްސަ ފަރުވާތަކެއް ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންނެވެ. އަދި ސިއްހީ ވަކި ހާލަަތްތަކެއް ކުރިމަތިވެފައި ނުވާ މީހަކަށް ހައްޖުވެރިޔާ ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.