ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 2:10
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ލީގު ބުރުގެ ނުވަ މެޗުން ވަނީ ޖުމްލަ 43 ގޯލާއި ފަސް ރަތް ކާޑު ދައްކައިފަ އެވެ.
ރޭ ކުޅުނު މި މެޗުތަކުގައި ހަ ޕެނަލްޓީ ދީފައި ވާއިރު އޭގެ ތެރޭން ކާމިޔާބު ކުރެވުނީ ފަސް ޕެނަލްޓީ އެވެ. އެއީ ބާސެލޯނާގެ ލަމީން ޔަމާލް، އޮލިމްޕިއާކޯސްގެ އައްޔޫބް އަލް ކާބީ، ބޮރޫޝިއާ ޑޯޓްމަންޑްގެ ރަމީ ބެންސެބައިނީ، އިންޓަ މިލާންގެ ހަކަން ކަލްހަނޮގްލޫގެ އިތުރުން ބެޔާ ލެވަކޫސަންގެ އެލެއިކްސް ގާސިއާގެ ޕެނަލްޓީ އެވެ. ކާމިޔާބު ނުވީ ލެވަކޫސަންގެ އަލެހަންދްރޯ ގްރިމާލްޑޯގެ ޕެނަލްޓީ އެވެ.
މީގެ ކުރިން މިއަށް ވުރެ ގިނަ ގޯލު ޗެމްޕިއަންސް ލީގު މެޗު ކުޅޭ ރެއެއްގައި ޖަހާފައި ވަނީ ދެ ފަހަރު އެވެ. ކުރިން 1997 ގައި 12 މެޗުން 44 ގޯލު ޖަހާފައި ވާއިރު، މިދިޔަ ސީޒަންގެ ލީގު ބުރުގެ ފަހު ރޭ ވަނީ 18 މެޗުން ރެކޯޑް 64 ގޯލު ޖަހައިފަ އެވެ.