ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 3:03
ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގެ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އިން ހިދުމަތް ލިބޭ ގޮތް ހެދުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން، ގަލޮޅު އުތުުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.
އެ ގަރާރު ބަލައިގަންނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ދައުލަަތަށް ހިދުމަތްކޮށްފައިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އެބަތިބި ކަމަށާއި ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ އެތައް ބިދޭސީންނެއް ވެސް އެބަ ތިބި ކަމަށެވެ. އާސަންދަ ދޭ ވާހަކަ ދައްކަވަނީ ރާއްޖޭގައި މަސައްކަތް ކުރަން މެރިޖް ވިސާ ހޯދުމުގެ ބޭނުމުގައި އުޅޭ ބިދޭސީންނަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.