އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 8.5 ޕަސެންޓު އިތުރުވެ، 30 ބިލިއަނަށް
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:42
މި އަހަރުގެ މިހާތަނަށް، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 8.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ތިން ހަފުތާގެ މެދުކެނޑުމަކަށް ފަހު، ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 30.7 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ޓެކުހުން ލިބުނު އާމްދަނީ އެވެ. މިގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 23 ބިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 75.1 ޕަސެންޓެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 105.3 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 56.4 ޕަސެންޓު އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.