ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
މިހާރު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:45
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަޝިޕްގެ 20 މަގާމަކަށް 50 ބޭފުޅުން ކުރިމަތިލެއްވި އިރު އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވައި، އެ މަގާމު އެ މަނިކުފާނަށް ދޫކޮށްލައިފި އެވެ.
ޕީއެންއެފުން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގަ އެވެ.
އެ އިއުލާނުގައިވާ ގޮތުން ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.