އިންފަންޓީނޯ އާއި ރައީސް މުއިއްޒުގެ މެޗުގައި މަޓެރާޒީ ކުޅޭނެ
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 12:58
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ބައިވެރިވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ރައީސް އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުގެ ޕްރޮގްރާމުގެ ތެރޭ ހިމެނިގެން ގަލޮޅު ދަނޑުގައި މާދަމާ ހަވީރު އޮންނަ އެގްޒިބިޝަން މެޗުތަކުގެ ތެރެއިން، މި ހާއްސަ މެޗުގައި ބައްދަލުކުރާނީ އިންފަންޓީނޯގެ ޓީމަކާއި، ރައީސްގެ ޓީމެކެވެެ. ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.
އިންފަންޓީނޯގެ ޓީމުގައި އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު މަޓެރާޒީގެ އިތުރުން ފީފާގެ ބައެއް އިސްވެރިންނާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.