އިންފަންޓީނޯ އަށް ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 7:19
ރަސްމީ ދަތުރެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު މެންދުރުފަހު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންފަންޓީނޯއާ އެކު ރާއްޖެ ވަޑައިގެންނެވި ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރުމް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިވަގުތު ޗުއްޓީއަކަށް ރާއްޖެ އައިސްހުރި، އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު މާކޯ މަޓެރާޒީ ވެސް ވަފުދުގައި ހިމެނުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންފަންޓީނޯ އަށް މަރުހަބާ ވިދާޅުވެ، ވަގުތު ހުސްކުރައްވައިގެން ރާއްޖެ އަށް ދަތުރެއް ކުރެއްވީތީ އޭނާ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފަ އެވެ.