އިންފަންޓީނޯއާ އެކު ޖޫނިއާ ކުޅުންތެރިންނަށް އީދެއް
މިހާރު
24 އޮކްޓޯބަރު 2025 | ހުކުރު | 10:16
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު މެންދުރުފަހު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، އޭނާ ފާހަގަކުރެއްވި އެއް ނުކުތާއަކީ ފުޓްބޯޅައިން ވަރުގަދަ ގައުމަކަށް ވުމަށްޓަކައި، ކުޑަކުދިންގެ ހުނަރު ތަރައްގީކުރުމުގެ މުހިއްމުކަމުގެ ވާހަކަ އެވެ. އޭގެ އިރުކޮޅެއް ފަހުން ގަލޮޅު ދަނޑަށް އިންފަންޓީނޯ ޒިޔާރަތްކުރެއްވި އިރު، އެތަނުން ފެނުނީ އެފަދަ ފުރުސަތުތަކަކަށް ފެންބޮވައިގެންފައިވާ ހުނަރުވެރި އެތައް ސަތޭކަ ކުދިންނެވެ. ރާއްޖޭގެ އެކެޑެމީތަކާއި، ޖޫނިއާ ޓީމުތަކުގެ ކުޅުންތެރިންނެވެ.
ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި އެ ފުޓްބޯޅަ އެގްޒިބިޝަންވީ އެ ކުދިންނަށް އީދަކަށެވެ. އެކެޑެމީތަކުގެ ޓީމުތަކުގެ ބޭއްވި މިނީ ފުޓްބޯޅަ މެޗުތަކަށް ފަހު އެ ކުދިން އިންތިޒާރުކޮށްގެން ތިބީ، ރައީސް މުއިއްޒު އާއި އިންފަންޓީނޯގެ ޓީމަކާ ދެމެދު ކުޅޭ ހާއްސަ މެޗަށް ދެ ބޭފުޅުން ވަޑައިގަންނަވާނެ ވަގުތަކަށެވެ. އެ މެޗުގެ ކުރިން ވެސް، މެޗަށް ފަހު ވެސް ރައީސް އާއި އިންފަންޓީނޯ ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތީ އޮޓޯގްރާފް ދެއްވުމުގަ އެވެ. ބައެއް ކުދިން ދިއްކޮށްލީ ގަނޑުކޮޅެކެވެ. އަނެއްބައި ކުދިން ބޫޓެވެ. ބައެއް ކުދިން ޖާޒީގައި ވެސް ސޮއިކުރުވި އެވެ.
އިންފަންޓީނޯ ކޮންމެ ގައުމަކަށް ވެސް ކުރައްވާ ޒިޔާރަތުގައި ހިމެނޭ މުހިއްމު ނަމްބަރެއްގެ ގޮތުގައި އޮންނަ މި ފުޓްބޯޅަ މެޗު 6-4 ގެ ސްކޯއަކުން ކާމިޔާބުކުރީ އިންފަންޓީނޯގެ ޓީމެވެ. އެ ޓީމުގައި ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ އިޓަލީގެ މާކޯ މަޓެރާޒީ ވެސް ހިމެނުނެވެ. އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި މުހައްމަދު އުމެއިރާއި، އިމްރާން މުހައްމަދާއި، އަލީ ޝިހާމް (ހުރާ އައްޔަ) އަދި މަޝްހޫރު ކޯޗު އަލީ ސުޒޭން ވެސް ކުޅުނީ އެ ޓީމަށެވެ.