އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
މިހާރު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 10:16
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ކައުންސިލެއްގެ ބެލުމުގެ ދަށުން ރަށްތައް ހިންގަން ވަރަށް ކުރީއްސުރެ ހުޅުދު އާއި މީދޫން އައީ ވަކާލާތު ކުރަމުންނެވެ. އެ ރަށްތައް ބާކީވެ، ކަމެއް ނުކުރެވި ސިޓީ ކައުންސިލަށް އަބަދު އާދޭސްކުރަން ޖެހުން ނިމުމަކަށް ގެނެސްދޭން އެކި ސަރުކާރުތަކަށް ވެސް ހުށަހެޅި އެވެ. އެންމެ ފަހުން، ވަކި ކައުންސިލަތަކެއް ހަދައިދޭން ހުށަހެޅީ 2023 ގެ ރިޔާސީ ކެމްޕެއިނަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށްތަކަށް ވަޑައިގަތުމުންނެވެ.
ރައްޔިތުންގެ އެ ހުށަހެޅުމާ އެއްގޮތަށް މި ސަރުކާރުން އައްޑޫގައި މިއަދު ވަނީ ވަކިވަކި ކައުންސިލް އުފެއްދުމާ މެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ. އެކަމަކު، ހުޅުދު އާއި މީދޫގެ ނަތީޖާ އައީ އެ މީހުން އެދެމުން އައި ގޮތަށެވެ. ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ ރަށު ކައުންސިލެއް އުފައްދަން ގާނޫނީ ގޮތުން ބަސް ބުނެފި އެވެ.
އެކަމަކު، ރަށުގެ ކުރިއެރުމާ މެދު ނިންމި ނިންމުމުގައި ބައިވެރިވީ މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުގައި ތިން ރަށުން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓެވެ.