އަބުރުވެރިކަމާ އެކު ކިޔެވުމުގެ ހައްގު ކޮންމެ ކުއްޖަކަށް ލިބެންޖެހޭ

މިހާރު

26 އޮކްޓޯބަރު 2025 | އާދިއްތަ | 8:44

ދަރިވަރުންނަކީ މުދައްރިސުން އަދި ސްކޫލުތަކުގެ ވެރިންނާ ހަވާލުވާ ވަރަށްބޮޑު ޒިންމާއެކެވެ. ހުރިހާ ކަމެއް ދޫކޮށް ދުވަހުގެ ބޮޑު ބައެއް ދަރިވަރުން ހޭދަކުރަނީ މުދައްރިސުންނާ އެކު ސްކޫލުގަ އެވެ. ބުނި ކަމެއް، އެންގި ގޮތަކަށް ހަމަޖައްސާފައި ބެލެނިވެރިން އެ މީހުންގެ ލޯބިވާ ދަރިން ސްކޫލްތަކަށް ފޮނުވަ އެވެ. މާ މޮޅެތި ފާސްތަކެއް ނުލިބުނަސް އަހުލާގު ރަނގަޅު ދުނިޔެއަކަށް ލޯ ހުޅުވޭ، ކިޔަވަން ޝައުގުވެރި، ކިޔަވަން ދަންނަ ކުއްޖަކަށް ހެދުމުގެ ފޮނި އުންމީދުގަ އެވެ. އެހެނަސް ހަގީގަތް އައްސަވާށެވެ.

ނުހަނު ތުއްތު އުމުރު ދަރިވަރުން ސްކޫލުން އިންތިޒާމުކުރާ ކުދި މުބާރާތްތަކުގައި ބައިވެރި ކުރުވަ އެވެ. އަދަބީ މުބާރާތްތަކާއި ކިޔެވުމުގެ ތަފާތު ޕްރޮގްރާމްތަކުގަ އެވެ. މި މުބާރާތްތަކުގައި 3,2,1 ނުވަތަ ގަދަ 10 ހޮވަ އެވެ. ޖުމުލަ 30 ކުދިންގެ ކުލާހެއްގައި ނަމަ 17 ނުވަތަ 10 ކުދިންނަކީ ކެނޑިނޭޅި ވަނަ ނުލިބޭ "ލޫޒާސް" އެވެ. މިއީ ތުއްތު ކުއްޖަކަށް ސްކޫލުން ލިބޭ ފުރަތަމަ ހިތި ތަޖުރިބާ އެވެ. މުދައްރިސުންގެ ލޯތްބާއި ހެޔޮއެދުމުގެ ބަސްތަކާއި ކާމިޔާބީގެ ފޮނިކަން އިހުސާސް ކުރުމަށް ކެތްމަދު ތުއްތު އުމުރު ހޭދަ ކުރަން ޖެހެނީ ކެތްކުރުމާއި އެންމެންނަކީ އަދި ތިމާއަކީ ކޮންމެހެން ވަނަ ލިބެން ޖެހޭ މީހެއް ނޫން ކަން ގަބޫލު ކުރުމުގަ އެވެ.

މިއީ ހުރިހާ މުދައްރިސުން ވެސް ކިޔެވި މޮޅު ނަފްސާނީ އިލްމުވެރިޔާ އެރިކް އެރިކްސަން ސިފަކުރާ "އިންޑަސްޓްރީ ވާސަސް އިންފީރިއޮރިޓީ" ދިވެހި ދަރިވަރުން ތަޖުރިބާ ކުރާ ގޮތެވެ. ކާމިޔާބީގެ އުފާ ލިބުމުން ކިޔެވުގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ, ކިޔަވަން ޝައުގުވެރިވެ، މޮޅުވާން މަސަކަތް ކުރެ އެވެ. ނާކާމިޔާބުވުމުން އަމިއަލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ޝައުގުވެރިކަން ގެއްލި، އާ ކަންކަން ކުރުމާއި ދަސްކުރުން ފަސްޖެހެ އެވެ. މިއީ ވާނެ ގޮތް ކަމުގައި ބެލެވުނު ނަމަވެސް ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ހިންގާ ހަރަކާތްތަކުގައި ވިސްނާ ކަމެއް ކަމުގައި ނުބެލެވެ އެވެ.

މައުޟޫޢުތަށް