ދައުލަތަށް ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރެޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރެޓް ގިނަ: ނާޒިމް
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 12:26
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ފަހުން، ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ އަދާކޮށް، އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓްގެ ބޮޑެތި ވައްކަންތަކާއި ރާއްޖެ އަށް ވޭޕް އެތެރެކުރުން ނުހުއްޓި ކުރިއަށް ދާތީ، އެކަމުގައި ކަސްޓަމްސްގައި ހުރި މައްސަލަަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ތަހުގީގެއް ހިންގައިފަ އެވެ. އެ މައްސަލާގައި އެ ކޮމިޓީއަށް ފެންނަ ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.
އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން ކޮމިޓީން ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވި ނާޒިމް ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި އިންޕޯޓް ޑިއުޓީގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދަށް ދައުލަތަށް ޑިއުޓީ ލިބެމުން ނުދާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓުން ލިބެންޖެހޭ އިންޕޯޓް ޑިއުޓީ ދައުލަތަށް ނުވަނުން ކަމަށް އޭނާ ވިދާޅުވި އެވެ.