އެއާޕޯޓު ޓާމިނަލްގައި ވަޅިން ބިރުދައްކައި ފޭރިގަތަކީ 100،000 ޑޮލަރު!
މިހާރު
27 އޮކްޓޯބަރު 2025 | ހޯމަ | 1:27
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް ސޫޓް ކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރު ހުރިކަން އެނގިއްޖެ އެވެ.
"މިހާރު" އަށް ޔަގީން ވެފައިވާ ގޮތުގައި، އެ ދަބަހުގައި 130،000 އާ ގާތްކުރާ އަދަދަކަށް ޑޮލަރު ހުއްޓެވެ.
އެކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، ބީއެމްއެލްގެ ދެ މުވައްޒަފަކު ހިފައިގެން ދިޔަ އެ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ބުންޏެވެ.