ވަކީލުންނަށް ފުރުސަތު ނުދީ، ގެންދާ ކޯޓެއް ވެސް ނާންގާ ބަންދު މުއްދަތު އިތުރުކުރިކަމުގެ ކަންބޮޑުވުން

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 3:29

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބީއެމްއެލްގެ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ވަކީލުންގެ ފުރުސަތު ނުދީ، އަދި އެ މީހުން ހާޒިރުކުރާ ކޯޓެއް ވެސް އެންގުމެއް ނެތި ބަންދުގެ މުއްދަތު އިތުރުކުރި ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ފޭރިގަތް މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ ކ. އަތޮޅު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރު ކުރުމުންނެވެ. ކޯޓުން އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރިއިރު، އެ މީހުން ހައްޔަރު ކޮށްގެން ފުރަތަމަ ގެންދިޔައީ ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަނަށެވެ. އެއަށް ފަހު އެ މީހުން ދޫނިދޫ ޖަލަށް ގެންދިޔަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެެރެއިން މީހެއްގެ ވަކީލު ވިދާޅުވި ގޮތުގައި، ވަކީލުން އައްޔަންވުމަށް ރޭ ވަނީ ފޯމް ހުށަހަޅައިފަ އެވެ. އަދި އެކަން މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރަށް ވެސް އެންގި ކަމަށެވެ. ނަމަވެސް، މިއަދު ކޯޓަށް ބަންދު މުއްދަތު އިތުރުކުރަން ގެންދިއުމާ ހަމައަށް ވެސް ފޯމް ޕްރޮސެސްކޮށްފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މައުޟޫޢުތަށް