ޣައްޒާއަށް ވަރުގަދަ ހަމަލާތައް ވަގުތުން ފަށަން ނަތަންޔާހޫ އަންގައިފި
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 9:34
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ، ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ފަށަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި ކަމަށް އޭނާގެ އޮފީހުން ދެންމެ ބުނެފި އެވެ.
"ސަލާމަތީ ކަންކަމާ މަޝްވަރާ ކުރުމަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައި،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
މިގޮތަށް ނިންމި ބައްދަލުވުމަކީ އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަވާލުކުރަންޖެހޭ އަސީރުންގެ ހަށިތައް އަދިވެސް ހަވާލުކޮށް ނުނިމޭތީ އާއި އެންމެ ފަހުން ހަވާލުކުރި ހަށިގަނޑަކީ މީގެ ދެ އަހަރު ކުރިން ހަވާލުކުރި ހަށިގަނޑެއްގެ ބައެއް ކަމަށް ބުނުމަށް ފަހު އެކަމާ އަޅާނެ ފިޔަވަޅެއް ނިންމަން ބޭއްވި ބައްދަލުވުމެކެވެ.