އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްލައިފި
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 5:10
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތަކެއް ދީފައި ވާއިރު އެ ހަމަލާތަކުގައި މަދުވެގެން 30 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
"އިޒްރޭލުން ޣައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 30 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައި. އަހަރެމެންގެ ޓީމުތަކުން އަންނަނީ އިތުރު މީހުން ޝަހީދުވެފައިވާ ވޭތޯ ބަލައި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުން ރޭ ހަމަލާ ދިނީ ހަމާސް އިން އިޒްރޭލުގެ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އަދި ޣައްޒާގައި އިޒްރޭލު ސިފައިންނަށް ހަމަލާ ވެސް ދީފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ހަމާސް އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޖަމާއަތުން އެއްބަސްވުމަށް އަމަލުކުރާ ކަމަށާއި އެއްބަސްވުމާ ހިލާފްވަނީ އިޒްރޭލުން ކަމަށެވެ.