މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 55،000ރ.
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 4:07
ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސަށް މުސާރަ އާއި އިނާޔަތްތަކާ އެކު 59،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.
ޖުމުލަ ހަތް މެމްބަރުން ތިއްބަވާ އާ މީޑިއާ ކޮމިޝަންގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރަކާއި މީޑިއާތަކުން ހޮވި ހަތަރު މެންބަރެކެވެ.
އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަމަށް މަޖިލީހުން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.